އިނގިރޭސިވިލާތުގައި ބޭސް ލިބުމަށް ދިމާވާ ދަތިތަކާ ގުޅިގެން، ބަލިމީހުންނަށް ދޫކުރާ ބޭސްތަކަށް ބަދަލު ގެނައުމުގެ އިތުރު އިހުތިޔާރުތަކެއް ފާމަސިސްޓުންނަށް ދޭން އެ ގައުމުގެ ސަރުކާރުން ނިންމައިފި އެވެ.

ބީބީސީގައި އިއްޔެ ރިޕޯޓުކޮށްފައިވާ ގޮތުގައި، ފާމަސީގެ ސްޓޮކުގައި ވަކި ބޭހެއް ނެތް ނަމަ، އެއް ބާވަތެއްގެ ބޭހުގެ ތަފާތު ޑޯޒޭޖެއް ދޫކުރުމުގެ ބާރު ފާމަސިސްޓުންނަށް ލިބޭނެ އެވެ. މިސާލަކަށް، 10 މިލިގްރާމް ހަމަކުރުމަށް ފަސް މިލިގްރާމްގެ ދެ ގުޅަ ބޭސް ދޫކުރުން ނުވަތަ އޮއިންމެންޓުގެ ބަދަލުގައި ކްރީމް ފަދަ ބާވަތްތައް ދޫކުރުމުގެ އިހުތިޔާރު ލިބޭނެ އެވެ.

އެ ބަދަލުގެ ސަބަބުން، ފާމަސީން ފަސޭހައިން ހައްލުކުރެވެން ހުރި ކަންކަމުގައި ބޭސް ސިޓީ ބަދަލުކުރަން އަލުން ޑޮކްޓަރަށް ދައްކަން ނުޖެހޭނެ ކަމަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ބުންޏެވެ.

އެ އިސްލާހު މިހާރު އޮތީ އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅައިފަ އެވެ. އަދި މަޖިލީހުން އެކަން ފާސްވުމާ އެކު އާ އުސޫލަށް އަމަލުކުރަން ފަށާނެ އެވެ.އިނގިރޭސިވިލާތުގައި 1968 ވަނަ އަހަރު އަމަލުކުރަން ފެށި މެޑިސިން ގާނޫނުގެ ދަށުން، ފާމަސިސްޓުން ދޫކުރަން ޖެހެނީ ޑޮކްޓަރު ބޭސް ސިޓީގައި ސީދާ ލިޔެފައިވާ ބޭސް އެކަންޏެވެ. އެ ބޭސް ނުލިބޭ ނަމަ، އަލުން ޑޮކްޓަރަށް ދައްކައި ބޭސް ސިޓީ ބަދަލުކުރުން ނުވަތަ އާ ސްޓޮކް ލިބެންދެން ޖެހެނީ މަޑުކުރާށެވެ.

ނަމަވެސް، އާ އުސޫލުގެ ދަށުން ޑޮކްޓަރަށް ނުދައްކައި ފާމަސިސްޓުންނަށް ބޭހަށް ބަދަލު ގެނެވޭނެ އެވެ.

އެ ގައުމުގެ ޕަބްލިކް ހެލްތު މިނިސްޓަރު ޑަޔާނާ ޖޯންސަން ވިދާޅުވީ އެ ލުއިތަކުގެ ސަބަބުން، ބަލި މީހުންނަށް ބޮޑެތި ފަސޭހަތަކެއް ލިބޭނެ ކަމަށެވެ.

"ބޭސް ސިޓީއަށް ބޭސް ނަގަންދާއިރު، އެ ބޭސް ނެތުމުގެ ސަބަބުން އަލުން ޑޮކްޓަރަށް ދައްކަންޖެހުމަކީ ބަލި މީހުންނަށް ކުރިމަތިވާ ވަރަށް ބޮޑު ތަކުލީފެއް،" އޭނާ ވިދާޅުވި އެވެ.

އިނގިރޭސިވިލާތުގައި މީގެ ކުރިން ވެސް އާންމު ބައެއް ބަލިތަކަށް ޑޮކްޓަރަށް ނުދައްކައި ފާމަސީން ބޭސް ހޯދެ އެވެ. އޭގެ ތެރޭގައި ހިމެނެނީ؛

  • ބޮލުގައި ރިއްސުން
  • އޮށާޅަ ނެގުން
  • ހަންގަނޑު ކަހާ ބަލިތައް
  • ކަންފަތުގައި ރިއްސުމާއި ކަންފަތުގެ އިންފެކްޝަން
  • ނޭފަތް ބެދުމާއި ސައިނަސް މައްސަލަތައް
  • ކަރުގައި ރިއްސުން
  • ހާޕީސް (ހާބިސް)
  • ހަމުގެ ބަލިތައް
  • ޖަނަވާރު ދަތްއެޅުމުންވާ އިންފެކްޝަން
  • ކުޑަކަމުދާ ނިޒާމުގެ އިންފެކްޝަން

ބޭސް ހޯދުމުގެ މައްސަލަ ހައްލުކުރަން ސަރުކާރުން އަޅާ ފިޔަވަޅުތަކަށް އެ ގައުމުގެ ފާމަސީ އެސޯސިއޭޝަނުން ވަނީ މަރުހަބާ ކިޔައިފަ އެވެ. ނަމަވެސް، ބޭސް ލިބުމުގައި ދިމާވާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދުމަށް އެ ޖަމިއްޔާއިން ވަނީ ގޮވާލައިފަ އެވެ.

އެ ޖަމިއްޔާގެ އޮފިޝަލް ހެންރީ ގްރެގް ވިދާޅުވީ އެއީ ކުރިއަށް އެޅުނު ރަނގަޅު ފިޔަވަޅަކަށް ވިޔަސް، ބޭސް މަދުވުމުގެ އަސްލު ސަބަބުތަކަށް އަދިވެސް ހައްލެއް ނުލިބޭ ކަމަށެވެ.