މިދިޔަ ހުކުރު ދުވަހު އެމްޑީޕީން ވޯޓު ފޮއްޓާ ހަމައަށް ދިޔައީ ހަމައެކަނި އެ ޕާޓީގެ ގައުމީ މަޖިލިސް އިންތިހާބު ކުރާކަށް ނޫނެވެ؛ މިއީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެ ޕާޓީން ނެރޭނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ރިޔާސީ ޕްރައިމަރީގެ "ފުރަތަމަ ބުރު" ވެސް މެ އެވެ.
އެތެރޭގެ އިންތިހާބުގެ ނަތީޖާތަކާ އެކު، ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީގެ އެތެރޭގެ "ބާރުގެ ތިލަފަތް" އޮތް ގޮތް ވަރަށް ސާފުކޮށް ހާމަވެއްޖެ އެވެ. ގައުމީ މަޖިލީހާއި ސިޓީ އަދި އަތޮޅު ދާއިރާތަކުގެ ދާއިރާތަކަށް 1،000 އަށް ވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރި މި ފޯރިގަދަ އިންތިހާބުގެ ނަތީޖާތަކުން ފެންނަނީ އެ ޕާޓީގެ އާންމު މެންބަރުންގެ ވިންދު މިހާރު ހުރި މިސްރާބެވެ.
އެމްޑީޕީ ގައުމީ މަޖިލީހަށް ކެންޑިޑޭޓުން ނެރެނުއިރު ރަސްމީ ދެ ޓީމެއް އިއުލާންކުރި އެވެ. އެއީ އެ ޕާޓީގެ ތެރޭގައި އޮތް މައި ދެ ފެކްޝަން ކަމަށްވާ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ތާއީދު ކުރެއްވި ކެންޑިޑޭޓުންގެ "ޓީމު އެމްޑީޕީ" އާއި ޕާޓީގެ ޗެއާޕާސަން ކުރީގެ މުހައްމަދު ނަޝީދާއި ރިޔާސީ ޕްރައިމަރީއަށް ވާދަކުރައްވާ ފައްޔާޒު އިސްމާއިލްގެ "ބޮޑު ބަދަލު" ޓީމެވެ.
އިބޫގެ ޓީމަކީ ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި އޭނާގެ ރަނިންމޭޓް މާލޭ މޭޔަރު އާދަމް އާޒިމްގެ ވެސް ޓީމެވެ.
އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ގައުމީ މަޖިލީހުގެ ފުލް މެޖޯރިޓީ ނަގާފައިވަނީ "ބޮޑު ބަދަލު" ޓީމުންނެވެ. "ޓީމު އެމްޑީޕީ"އަށް އެއާ ގާތްކުރާ ނަތީޖާއެއް ވެސް ނުނެރެވުނެވެ. ހާއްސަކޮށް ބޮޑެތި ސިޓީތަކުން ފެނުނީ "ބޮޑު ބަދަލު" ޓީމު މާބޮޑަށް ކުރީގައި އުޅޭ މަންޒަރެވެ.
މާލޭ ސިޓީ ގައުމީ މަޖިލީހުގެ 16 ގޮނޑިއަށް 45 ކެންޑިޑޭޓުން ވާދަކުރިއިރު، އެންމެ ކުރީގައި ހިމެނިވަޑައިގަތީ ޕާޓީގެ ޗެއާޕާސަން ފައްޔާޒުގެ ފިކުރާ ގުޅިފައިވާ އަދި ކުރިން ޕާޓީއާ ދުރަށް ޖެހިވަޑައިގަތުމަށް ފަހު، އަލުން އެނބުރި ވަޑައިގެންނެވި އިސް ބޭފުޅުންނެވެ. "ބޮޑު ބަދަލު" ޓީމުން 11 ގޮނޑި ނެގިއިރު، މޭޔަރު އާޒިމްގެ ވެސް ތާއީދާ އެކު "ޓީމު އެމްޑީޕީ"އަށް ހޯދުނީ އެންމެ ހަތަރު ގޮނޑި އެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް މަސްހުނި ނިޒާމެއް ތައާރަފުކުރުމުގެ ސިޔާސަތު ގެންގުޅުއްވާ ކުރީގެ ރައީސް ނަޝީދާއި އެމްޑީޕީގެ ޗެއާޕާސަން ކުރީގެ ފައްޔާޒާއި އެ ދެ ބޭފުޅުންގެ ޓީމަށް މި އިންތިހާބަކީ ވަރަށް ބޮޑު ކާމިޔާބީއެކެވެ. ހާއްސަކޮށް ޕާޓީގެ ނިންމުންތައް ނިންމާ އެންމެ ބާރުގަދަ ގުނަން ކަމަށްވާ ގައުމީ މަޖިލީހުގެ އަޣުލަބިއްޔަތު ފައްޔާޒުގެ ފިކުރަށް ލިބުމަކީ، ކުރިއަށް އޮތް ދެ އަހަރު ޕާޓީ ހިންގުމުގައި އޭނާއަށް ލިބިވަޑައިގަންނަވާނެ ވަރަށް ބޮޑު ބާރެކެވެ.
ފައްޔާޒުގެ ޓީމުން ގަބޫލުކުރާ ގޮތުގައި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކުރެވޭނީ، އެ ޕާޓީގެ އެތެރޭގެ ޒަމާންވީ ކޯޅުންތައް ނިމުމަކަށް ގެނެސް، "ދަ ޑިމޮކްރެޓްސް" ގައި އުޅުއްވި ބޭފުޅުންނާއި އެމްޑީޕީގެ އާންމު މެންބަރުން އެކުގައި މަސައްކަތް ކޮށްގެންނެވެ. މި އިންތިހާބުގެ ނަތީޖާއިން ދައްކައިދިނީ ފައްޔާޒު ގެންގުޅުއްވި އެ ސިޔާސަތު ކާމިޔާބުވެ، ޕާޓީގެ ބާރުގަދަ ކެމްޕޭން މެޝިނަރީ އަލުން އެނބުރި އަތުވެއްޖެ ކަމެވެ.
ސިޔާސީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ފައްޔާޒަކީ އަމަލީ ގޮތުން ކަންކަން ނިންމަވާ، ހިންގުންތެރި ބޭފުޅެއްގެ ގޮތުގައި ޕާޓީގެ ތެރޭގައި މަގުބޫލުކަން ހޯއްދަވާފައިވާ ބޭފުޅެކެވެ. އަދި ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވުމުގަ އާއި އިދިކޮޅު ޕާޓީއެއްގެ ދައުރު އަދާކުރުމުގައި ފައްޔާޒު ދައްކަވާ ސާބިތުކަމުގެ ސަބަބުން 2028 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ގާބިލުކަން އޭނާގެ ކިބައިގައި އެބަހުރި ކަމަށް ޕާޓީގެ ގިނަ ބަޔަކު ގަބޫލުކުރެ އެވެ.
"ބޮޑު ބަދަލު" ޓީމުން މާލޭގެ އެއް ގޮނޑި ކާމިޔާބު ކުރެއްވި ހަސަން ލަތީފް ވިދާޅުވި ގޮތުގައި އިންތިހާބުގެ ނަތީޖާއިން ދައްކުވައިދެނީ ބޮޑު ބަދަލުގެ ސިޔާސަތުގައި ހިމެނޭ ކަންކަން ގެނައުމަށް އެމްޑީޕީ މެންބަރުންގެ މެދުގައި އޮތް ޝައުގުވެރިކަމެވެ.
"ބޮޑު ބަދަލަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް މިއީ. އަނެއްކާވެސް ވަރަށް ބައިވަރު ރައްޔިތުން ގަބޫލުކޮށްފި ބޮޑު ބަދަލުގައި އެ ހުރި ކަންކަމަކީ ހަމަ ގެންނަން ޖެހޭ ކަންތައްތަކެއް ކަން،" އެމްޑީޕީގެ ބޮޑު ބަދަލު އޮފީހުގެ ޑިރެކްޓަ ޖެނެރަލްކަން ވެސް ކުރައްވާ ހަސަން ވިދާޅުވި އެވެ.
"ބޮޑު ބަދަލުގެ ޓެގްގައި ނުކުމެ އެ މަސައްކަތް ކުރީމާ އެ އަދަދަށް ވޯޓު އެ އަދަށް ކެންޑިޑޭޓުން އިންތިހާބުވީމަ އެއީ އޭގައި ހުރި ކަންކަން ރައްޔިތުންނަށް އިތުރަށް ސާފުކޮށްދިނުމަށާއި އެ މަޝްވަރާ ކުރުމަކީ އެމްޑީޕީން ކުރަންޖެހޭ ކަމެއް ކަން އަނެއްކާވެސް ޔަގީންވެގެން މި ދިޔައީ."
ހަސަން ދެކެވަޑައިގަންނަވާ ގޮތުގައި އެމްޑީޕީ އާންމު މެންބަރުންނަކީ ވަކި މީހަކަށް ވުރެ ބޮޑަށް ސިޔާސަތަށް ވޯޓުދޭ ބައެކެވެ. އެހެންކަމުން އެތެރޭގެ އިންތިހާބުގެ ނާތީޖާއިން އޭނާއަށް ފެނިވަޑައިގަންނަވަނީ އެމްޑީޕީއަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން އޮތް ފުރުސަތުގެ ފުޅާކަމެވެ.
ގއ. ވިލިނގިލިން ބޮޑު ބަދަލު ޓީމުގެ ތާއިދާ އެކު އިންތިހާބު ހުސެއިން ހަސަން ދެކެވަޑައިގަންނަވާ ގޮތުގައި މި އިންތިހާބުގެ ނަތީޖާއަކީ ރިޔާސީ ޕްރައިމަރީއަށް އެ ޓީމަށް ލިބުނު ވަރަށް ބޮޑު އުއްމީދެކެވެ. އެމްޑީޕީއަކީ ސިޔާސަތަށް ލޯބިކުރާ ޕާޓީއެއް ކަމުން ބޮޑު ބަދަލުގެ ސިޔާސަތުތަކާ އެކު، ޕްރައިމަރީގައި ފައްޔާޒު ބޮޑު ތަނުން ކުރި ހޯދާ މަންޒަރު ހުސެއިންއަށް ފެނެ އެވެ.
"ވަރަށް ބޮޑަށް ގަބޫލު ކުރެވޭ ފައްޔާޒަކީ ވަރަށް ބޮޑަށް ކުރިއަރަމުން އަންނަ ސިޔާސީ ލީޑަރެއް ކަން. މެދުކެނޑުމެއް ނެތި ތިމަންނަ ބޭނުންވަނީ ރާއްޖޭގެ ވެރިކަމަށް އަންނާށޭ އެގޮތަށް މަސައްކަތް ކުރީމަ ކަންކަން ކާމިޔާބު ވަމުންދާ ތަން މި ފެންނަނީ،" ހުސެއިން ވިދާޅުވި އެވެ.
ނަމަވެސް ފައްޔާޒު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ފުރުއްވި ދުވަސްވަރު އަދި އޭނާ އެ މަގާމުން އިސްތިއުފާ ދެއްވި ދުވަސްވަރު ދެއްކެވުނު އެންމެ ބޮޑު އެއް ވާހަކައަކީ އިދާރީ ހިންގުމުގެ ދޯދިޔާ ވާހަކަތަކެވެ. އެކަމަކު، މި ފަހަރުގެ ގައުމީ މަޖިލިހުގެ އިންތިހާބުގެ ނަތީޖާ ނެރުނުއިރު އެ ކަމަކަށް ނުބަލަ އެވެ.
މިއީ ކުރީގެ ރައީސް އިބޫގެ ސަރުކާރުގައި އެންމެ ނުފޫޒު ގަދަ މިނިސްޓަރެއްގެ ގޮތުގައި ހުންނެވި ފައްޔާޒު ލީޑް ކުރައްވާ "ބޮޑު ބަދަލު" ޓީމުން މިއީ ހޯދި ތިންވަނަ މޮޅެވެ. މީގެ ކުރިން އެ ޓީމުގެ މަސައްކަތުން ނަޝީދު ވަނީ އެމްޑީޕީގެ ޗެއާޕާސަން ކަމަށް ބޮޑު އަޣުލަބިއްޔަތަކުން ނަގައިފަ އެވެ. އޭގެ ފަހުން އެމްޑީޕީން ބޭއްވި ކޮންގްރެސްގައި "ބޮޑު ބަދަލު"ގެ ގަރާރު ހުށަހަޅައި، އެ ބޮޑު އަޣުލަބިއްޔަތަކުން ފާސްކުރި އެވެ. އަދި ފައްޔާޒު ހުށަހެޅުއްވި އަސާސީ ގަވައިދު ވެސް ކޮންގްރެސްގައި ބޮޑު ތާއީދަކުން ފާސްކުރި އެވެ.
އެ ޓީމުން ކާމިޔާބީތައް ހޯދަމުން އަންނައިރު ކުރީގެ ރައީސް އިބޫގެ ވެރިކަމުން މިހާތަނަށް އެމްޑީޕީގެ ކޮންޓްރޯލް އޮތް ފެކްޝަނަށް ޖެހިޖެހިގެން ނާކާމިޔާބީއާ ކުރިމަތިލާން ޖެހެމުގެ ފަހަތުގައި އޮތީ ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކޭ ގޮތުގައި އިބޫގެ ޓީމުން ބަލި ގަބޫލު ނުކުރުމާއި ހަރުދަނާ ސިޔާސަތެއް ނުދެއްކުމެވެ.
އިބޫއާ އެކު މަސައްކަތް ކުރައްވާފައިވާ ބޭފުޅަކު ވިދާޅުވި ގޮތުގައިި އެމްޑީޕީއަށް ވެރިކަން ގެއްލުނު ގޮތާއި އޭގެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެ ޕާޓީ ތާރީހީ ބޮޑު ބައްޔަކުން ބަލިވުމުގެ ޒިންމާ އޭރުގެ ސަރުކާރުގެ އިސް ވެރިން ނަންގަވާފައި ނުވާ ކަމަށް ގިނަ މެންބަރުން ގަބޫލުކުރެ އެވެ. އެ ނާކާމިޔާބީތަކަށް ފަހު ވެސް ޕާޓީގެ ކޮންޓްރޯލް ހޯދަން އިބޫގެ ޓީމުން މަސައްކަތް ކުރުމަކީ އާންމު މެންބަރުންގެ ނުރުހުން އަމާޒުވި ކަމެއް ކަމަށް ނަން ނުޖަހަން ޝަރުތުކޮށް ވާހަކަ ދެއްކެވި އެ ބޭފުޅާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އެމްޑީޕީން ކުރާ މަސައްކަތްތަކުގައި އިބޫ އާއި އެ މަނިކުފާނުގެ އަރިސް ބޭފުޅުންގެ ބައިވެރިވުން ކުޑަވުމަކީ ވެސް އާންމު މެންބަރުންގެ ޝަކުވާ އެކެވެ.
"އެމްޑީޕީއަކީ ސިޔާސަތުގެ ޕާޓީއެއް. އާންމު މެންބަރުން ބޭނުންވަނީ މީހާއެއް ނޫން، އެ މީހަކު ގެންނަ ސިޔާސަތެއް. އެ ފެންނަނީ ފައްޔާޒުގެ ކިބައިން. އެހެން ބޭފުޅުންގެ ފަރާތަކުން އެ އަޒުމުގައި ސިޔާސަތެއް ގެންގުޅުއްވާ ތަނެއް ނުފެނޭ،" އިބޫއާ އެކު މަސައްކަތް ކުރެއްވި އެ ބޭފުޅާ ވިދާޅުވި އެވެ.
އޭނާ މިސާލެއްގެ ގޮތުގައި ދެއްކެވީ އެމްޑީޕީން އެންމެ ފަހުން ބޭއްވި ކޮންގްރެސް އެވެ. އެ ކޮންގްރެސްއަށް ޕާޓީއަށް މުހިންމު އިސްލާހީ ބަދަލުތަކާ އެކު، އާ އަސާސީ ގަވާއިދެއް ފައްޔާޒު ހުށަހެޅުއްވި އެވެ. އެ ތަނަކު އެހެން ރިޔާސީ ކެންޑިޑޭޓަކު ނެތެވެ. އެއިން ބޭފުޅަކު އެކަމަށް ބަހުސް ކޮށްލައްވައި، އިސްލާހުތަކެއް ވެސް ނުގެންނަވަ އެވެ. ސިޔާސަތެއް، އަމާޒެއް ހާމައެއް ނުކުރައްވަ އެވެ.
"[އިބޫގެ ޓީމަށް] ނާކާމިޔާބުވުމުގެ އަސްލަކީ އެއީ. ޗެއާޕާސަންގެ އިންތިހާބުގައި ވެސް ފެނުނީ އެގޮތަށް. އެއްކޮޅުން ބޮޑު ބަދަލުގެ ސިޔާސަތު ކަރުދާހެއް ހިފައިގެން ކެމްޕެއިން ކުރިއިރު އަނެއް ކޮޅުން ބޮޑަށް ފެނުނީ އެންޓި ކެމްޕެއިން،" އޭނާ ވިދާޅުވި އެވެ.
އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދަވަން މަސައްކަތް ކުރައްވާ ފައިސަލްގެ ފަހަތްޕުޅުގައި އިބޫ ހުންނެވި ކަމަށް ދެއްކެވިޔަސް އެ ވަރުގެ ހިތްވަރެއް އިބޫގެ ފަރާތަކުން ނުފެނުނެވެ. ފައިސަލް އާއި އާޒިމްގެ ޓީމަށް ތާއީދު ކުރައްވާކަން ވެސް އިބޫއަށް މީޑިއާގައި ވިދާޅުވެވުނީ "ބުރަކި" ޖެހެމުންނެވެ. ސަންގު ޓީވީގެ ރިޕޯޓަރު "ގަދަކަމުން" ކަހަލަ ގޮތަކަށް އިބޫ ލައްވައި އެ ބަސް ވިދާޅުވިކަން ވީޑިއޯ ބެލި ބަޔަކަށް ސާފުވާނެ އެވެ.
"ސަންގުން ސުވާލު ކުރުމާ ހިސާބަށް އިބޫ އެއްވެސް އެއްޗެއް ވިދާޅުނުވެ ހުންނެވީ ހިމޭނުން. ފައިސަލްގެ ޓީމުން އަމިއްލައަށް މި ބުނަނަކީ ތިމަންނަމެންނާއެކުއޭ އިބޫ ހުންނެވީ. އެކަމަކު، އިބޫ ހުންނެވި ތަން ފެނުނީ އަރާނެ ކޮޅެއް ނޭނގިގެން،" އެމްޑީޕީގެ ގައުމީ މަޖިލިހަށް މި ފަހަރު އިންތިހާބުވި ބޭފުޅަކު ވިދާޅުވި އެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ނަތީޖާއަކީ އެ ޕާޓީގެ ތާރީހުގައި އާ ސަފުހާއެއް ހުޅުވާލި ނަތީޖާ އެކެވެ. ވެރިކަން ގެއްލުމަށް ފަހު، ޕާޓީގެ ތެރޭގައި އޮތް ނުތަނަވަސްކަމަށް ނިމުމެއް ގެނެސް، ޕާޓީގެ ހުންގާނު ފައްޔާޒުގެ ޓީމާ ހަވާލުކުރަން އާންމު މެންބަރުން ނިންމި ނިންމުމަކީ، ކުރީގެ ރައީސް އިބޫގެ ސިޔާސީ ނުފޫޒު ޕާޓީގެ ތެރޭގައި ވަރަށް ބޮޑަށް ފަނޑުވެގެން ހިނގައްޖެ ކަމުގެ ހެއްކެކެވެ. ރިޔާސީ ޕްރައިމަރީއަށް މި އިންތިހާބުން ދިން ސިގްނަލަކީ، އެމްޑީޕީގެ މެންބަރުން ތިބީ އާ ލީޑަޝިޕަކާ އެކު ވެރިކަމަށް އެނބުރި އައުމުގެ އުއްމީދުގައި ކަމެވެ.