ތ. ތިމަރަފުށީ ފަޅުގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެ މީހަކު ފިހިއްޖެ އެވެ.

ފުލުހުން ބުނީ ތިމަރަފުށީ ފަޅުގައި އޮތް ލޯންޗެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށާއި އަލިފާން މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ.

އެ ހާދިސާގައި ބިިދޭސީ ފިރިހެނަކަށް އަނިޔާވެފައިވާ ކަމަށާއި އޭނާގެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ފަހުން ބުނީ، އަނިޔާ ވެފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ 28 އަހަރުގެ ފިރިހެނަކަށް ކަމަށެވެ.

އަދި އެ މީހާ އިތުރު ފަރުވާ އަށް ތ. ވޭމަންޑޫ ގައި ހުންނަ ތ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ތ. ތިމަރަފުށި ބަނދަރުގައި އޮތް ލޯންޗެއްގައި ރޯވެ އަނދާފައި. ފޮޓޯ: ޕީއެސްއެމް
ތ. ތިމަރަފުށި ބަނދަރުގައި އޮތް ލޯންޗެއްގައި ރޯވެ އަނދާފައި. ފޮޓޯ: ޕީއެސްއެމް

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި އަލިފާން ރޯވީ ބަނދަރުގައި އަޅާފައި އޮތް ލޯންޗެއްގަ އެވެ. އެ ލޯންޗްގެ މަތީ ބައިތަކުގައި އެއްކޮށް އަލިފާން ހިފާފައި ވާއިރު، އަލިފާން ނިއްވަން ބަޔަކު މަސައްކަތްކުރާ މަންޒަރު އެ ވީޑިއޯ އިން ފެނެ އެވެ. 

އެނގިފައިވާ ގޮތުގައި އެ ލޯންޗްގައި ރޯވި އަލިފާން ނިއްވައިލި އިރު ލޯންޗުގެ ބޮޑުބައެއް ވަނީ އަނދާފަ އެވެ. 

 އެ ހާދިސާ ހިނގަން މެދުވެރިވި ގޮތުގެ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.