ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަނުން ޑީޕޯޓް ކޮށްފައި ވަނިކޮށް، އެ މީހާ އަލުން އެތެރެކުރި މައްސަލައެއްގެ ތުހުމަތުގައި އިމިގްރޭޝަން އޮފިސަރަކު ހައްޔަރުކޮށްފި އެވެ.
އެ މައްސަލާގައި "މިހާރު" އިން މިއަދު ސުވާލުކުރުމުން އިމިގްރޭޝަނުގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިމިގްރޭޝަން ގާނޫނާ ހިލާފު އަމަލެއް ހިންގާފައިވާތީ، އޮފިސަރެއްގެ މައްސަލަ ފުލުހުންނަށް އެ އިދާރާ އިން ރިޕޯޓުކޮށްފައިވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ އެއީ ފުލުހުން ބަލަމުން އަންނަ މައްސަލައަކަށް ވާތީ މިވަގުތު އިތުރު މައުލޫމާތު ހިއްސާ ކުރެވެން ނެތް ކަމަށެވެ.
އިމިގްރޭޝަންގެ އޮފިސަރަކު ހައްޔަރުކުރިކަން ފުލުހުން ކަށަވަރު ކޮށްދިން ނަމަވެސް އެކަމާ ގުޅޭ އެއްވެސް ތަފުސީލެއް އަދި ނުދެ އެވެ.
އެކަމަކު، "މިހާރު" އަށް އެނގިފައިވާ ގޮތުގައި އިމިގްރޭޝަން އޮފިސަރު ހައްޔަރުކުރީ ރާއްޖެއިން ޑީޕޯޓްކުރި މީހަކު އުސޫލުތަކާ ހިލާފަށް އަލުން އެތެރެކުރި މައްސަލައެއް ބަލާތީ އެވެ.