ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަންކުރާ އެއް ރަށް ކަމަށްވާ، ހއ. މާފަހީގައި ހައްދާ ތަރުކާރީ އާއި މޭވާ ހިފައިގެން ދަތުރުކުރާ ދޯންޏެއް މުރައިދޫ ނެރަށް އުރި ގެއްލުންވެއްޖެ އެވެ.
މުރައިދޫ ރަށު ކައުންސިލްގެ ނައިބް ރައީސް، ފަރުހަތު ސަމީރު "މިހާރު" އަށް ވިދާޅުވީ ސީގަލް ގްރޫޕުން ބަލަހައްޓަމުން އަންނަ މާފަހިން ތަރުކާރީ އާއި މޭވާ ހިފައިގެން ދަތުރުކުރި އެ ދޯނި މުރައިދޫގެ ނެރުމައްޗަށް އަރައި ގެއްލުންވެފައިވާ ކަމަށެވެ. ހެނދުނު ހިނގި އެ ހާދިސާގައި، ދޯނީގައި ހުރި ބައެއް މުދާތައް މޫދަށް އޮޔާ ދިޔަ އެވެ.
އެ ހާދިސާގައި ދޯނީގެ ބަނޑު ފިލާއިން ތަންގަނޑެއް ވަނީ ނެއްޓިފަ އެވެ. ނެރުމައްޗަށް އެރި ދޯނި މިހާރު ވަނީ އެއްގަމަށް އަރުވައިފަ އެވެ. އަދި އޮޔާދިޔަ ބައެއް ތަރުކާރީ އާއި މޭވާ ވެސް ވަނީ ނަގައިފަ އެވެ.
ފަރުހަތު ވިދާޅުވީ އެ ދޯންޏަކީ ކިލޯމީޓަރެއްހާ ދުރުމިނުގައި އޮންނަ މާފަހިން ކޮންމެ ހަފްތާއަކު ވެސް ތަރުކާރީ އާއި މޭވާ ހިފައިގެން އެ ރަށަށްދާ ދޯންޏެއް ކަމަށެވެ. އެއީ އެ ރަށު ބަނދަރުގައި އޮންނަ "މާފަހި" ބޯޓުން މާލެއަށް މުދާ ފޮނުވުމަށެވެ. އެ ބޯޓުން ކޮންމެ އާދިއްތަ ދުވަހަކު މާލެއަށް ދަނޑުވެރިކަމުގެ ބާވަތްތައް ގެނެ އެވެ.
ދޯނި ނެރުމައްޗަށް އެރީ މާލެއަށް މުދާ ފޮނުވަން އެތަކެތި ހިފައިގެން މުރައިދުއާ ގާތްކުރަން އުޅެނިކޮށެވެ.