އައިޖީއެމްއެޗްގައި މަސައްކަތްކުރާ ދިވެހި ޑޮކްޓަރުންގެ ޓީމަކުން ފުރަތަމަ ފަހަރަށް އެންޑޮސްކޮޕިކް ރެޓްރޯގްރޭޑް ކޮލެންޖިއޯޕެންކްރިއެޓޮގްރަފީ (އީއާރުސީޕީ) ޕްރޮސީޖާއެއް ކާމިޔާބުކަމާއެކު ހަދައިފި އެވެ.
އައިޖީއެމްއެޗުން ބުނީ އެ ޕްރޮސީޖާ ހެދީ މެޑިކަލް ގެސްޓްރޯއެންޓެރޮލޮޖީ ޔުނިޓާއި އެންޑޮސްކޮޕީ ޔުނިޓުގެ އިތުރުން ސާޖަރީ ޓީމާއި އެނެސްތީޝިއާ ޓީމު ގުޅިގެން ކަމަށެވެ.
އީއާރުސީޕީ ޕްރޮސީޖާއަކީ ހަޖަމުކުރާ ނިޒާމުގެ ހާއްސަ ހޮޅިތަކާ ގުޅޭ މައްސަލަތައް ދެނެގަތުމަށާއި ފަރުވާ ދިނުމަށް ހަދާ ޕްރޮސީޖާއެކެވެ.
އެ ހޮސްޕިޓަލުގެ ދިވެހި ޑޮކްޓަރުން ހިމެނޭ ޓީމަކުން އަލަށް ކުރި އެ ޕްރޮސީޖާ ހެދީ ފުރަމޭ އިންފެކްޓުވެ، ފުރަމޭއިން ކުޑަގޮހޮރަށް ބައިލް ދަތުރުކުރާ ހޮޅި ދުޅަވެ އެމަޖެންސީ ހާލަތެއް ދިމާވި ބަލި މީހަކަށެވެ.
އެގޮތުން އެ ފަރުވާގެ ތެރެއިން އެންޑޯސްކޯޕިކް ސްފިންކްޓްރޮޓޮމީ ހަދައި، ބައިލް ޑަކްޓްގައި ވަނީ ސްޓެންޓް ލައްވާފަ އެވެ.
އެ ހޮސްޕިޓަލުން ބުނީ އެ މަސައްކަތަކީ ރާއްޖޭގެ ސިއްހީ ދާއިރާގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ކަމަށެވެ.
އޭގެއިން ހާމަވަނީ ރާއްޖޭގެ ސިއްހީ ދާއިރާގައި ދިވެހި ޑޮކްޓަރުންގެ ގާބިލުކަން ކުރިއަރަމުންދާ މިންވަރާއި ސިއްހީ ހިދުމަތްތަކުގައި ބޭރު ގައުމުތަކަށް ބަރޯސާނުވެ ރާއްޖެއިން މިފަދަ ފަރުވާތައް ލިބޭނެ މަގުފަހިކުރުމަށް ކުރެވޭ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.