އުމުރުން އެންމެ ތިން އަހަރުގެ ކުޑަ އަންހެންކުއްޖަކަށް ޖިންސީ ގޯނާކޮށް، އެ މަންޒަރުތައް ރެކޯޑުކުރި މައްސަލައެއްގައި އެ ކުއްޖާގެ ބައްޕަ ހައްޔަރުކޮށްފައިވަނިކޮށް، އޭނާގެ އަންހެނުން ވިހެއި އެއްމާބަނޑު ދެ ކުދިން ދައުލަތަށް ނަގައިފި އެވެ.
މީގެ ކުރިން، އެ ދެމަފިިރިންގެ އިތުރު ދެ ކުއްޖަކު ވެސް ވަނީ ދައުލަތަށް ނަގައިފަ އެވެ.
ސައުތު ސެންޓްރަލް ޕޮލިސްގައި ހިމެނޭ ރަށެއްގައި ތިން އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކޮށް އެ މަންޒަރުތައް ރިކޯޑުކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި ހައްޔަރުކުރީ 28 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކުރިއިރު އޭނާގެ އަންހެނުން އިނީ އެއްމާބަނޑު ދެ ކުދިންނަށް ބަލިވެ އެވެ.
އެ މައްސަލާގައި ހައްޔަރުކުރި ފިރިހެން މީހާ އަދިވެސް ހުރީ ބަންދުގަ އެވެ.
ކުއްޖާގެ ބައްޕަގެ އިތުރުން މަންމަ ވެސް އެކަމުގައި ބައިވެރިވާ ކަމަށް ބައެއް މީހުން ތުހުމަތުކުރެ އެވެ. އެހެންވެ، އެ މައްސަލާގައި "މިހާރު" އިން ކުރިން ސުވާލުކުރުމުން ފުލުހުން ބުނީ ކުއްޖާގެ މަންމައާ ގުޅޭގޮތުން ކުރެވޭ ތުހުމަތުތަކާ ގުޅިގެން، އެކަމުގައި އޭނާގެ އެއްވެސް ބައިވެރިވުމެއް އޮތްތޯ އާއި ބައިވެރިވުން އޮތީ ކިހާ މިންވަރަކަށްތޯ ތަހުގީގުގެ ތެރެއިން ބަލަމުން އަންނަ ކަމަށެވެ.
އެނގިފައިވާ ގޮތުގައި އޭނާ ވިހެއި ދެ ކުދިން ދައުލަތަށް ނަގާފައި ވަނީ ހޮސްޕިޓަލުގައި އޮއްވަ އެވެ. އެ ތުއްތު ދެ ކުދިން ދައުލަތަށް ނެގުމުގެ ކުރިން ދައުލަތުން ވަނީ ބައްޕަގެ ފަރާތުން ޖިންސީ ގޯނާގެ ޝިކާރައަކަށްވި ކަމަށް ބުނާ އަންހެން ކުއްޖާ އާއި އެ މީހުންގެ ފިރިހެން ދަރިފުޅު ވެސް ނަގައިފަ އެވެ.
އެ އާއިލާގެ ބައެއް މެމްބަރުން ސޯޝަލް މީޑިއާގައި ލިއެފައިވާ ގޮތުގައި އާއިލާއާ ކުދިން ހަވާލުކުރަން ގޮތެއް ނިންމަން ކަމަށް ބުނެ ހޮސްޕިޓަލަށް ދިއުމަށް ފަހު، އެ މީހުން އެ ދެ ކުދިން ގެންދިޔައީ އާއިލާއަށް ނޭނގި އެ މީހުންނަށް އޮޅުވާލައިގެންނެވެ.
އެ ކުދިން ގެންދިޔައީ، އާއިލާ އިން ހަވާލުވާން ތިއްބާ ކަމަށް ބުނެ އެ މީހުން ދަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ޖިންސީ ގޯނާގެ އެ މައްސަލައާ ގުޅިގެން ވިހޭތަނުން ދެ ކުދިން ދައުލަތަށް ނަގާފައިވާއިރު މިއީ ހޮސްޕިޓަލުން ދޫކޮށްނުލަނީސް މިގޮތަށް ކުއްޖަކު ދައުލަތަށް ނެގި ފުރަތަމަ ފަހަރެއް ނޫނެވެ.
މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ވަނީ ކުޅުދުއްފުށީ ހޮސްޕިޓަލުގައި ވިހޭ އަންހެނެއްގެ އަތުން ވެސް ކުއްޖާ ނަގައިފަ އެވެެ. ކައިވެނިން ބޭރުގައި ލިބުނު އެ ކުއްޖާ ދައުލަތަށް ނަގާފައި ވަނީ މަންމަ ދިރިއުޅޭ މާހައުލާއި ނަފްސާނީ ހާލަތާއި އަތުގެ ނުކުޅެދުންތެރިކަމާއި އާއިލާ އިން ވެސް އަޅާލާނެ ބަޔަކު ނެތުމާ ގުޅިގެން ކަމަށް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަނުން އެ އާއިލާއަށް ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.
އެކަމަކު އެ ކުއްޖާއާ ހަވާލުވުމަށް އޭނާގެ މަންމަ ހުރީ ތައްޔާރަށެވެ. އަދި ކުއްޖާ ދައުލަތަށް ނެގުމާ ގުޅިގެން އޭނާ ވަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ.