އުމުރުން މާ ހަގު އަންހެން ތަރިންނާ އެކު ލޯބީގެ ރޯލުތައް ކުޅުމުގެ ބަދަލުގައި، އޭނާގެ ކުރިއަށް އޮތް ފިލްމު "ކިންގް"ގައި އުމުރާ ގުޅޭ ރޯލެއް ކުޅެ، 61 އަހަރުގެ "ކޫލް" ހީރޯއެއްގެ ގޮތުގައި ފެނުމަށް ބޭނުންވި ކަމަށް ބޮލީވުޑްގެ ސުޕަސްޓާރު ޝާހްރުކް ޚާން ބުނެފި އެވެ.
އިންޑިއާގެ މުމްބާއީގައި މިދިޔަ ހުކުރު ދުވަހުގެ ހަވީރު ބޭއްވި "މެޓާ" އިވެންޓެއްގައި ޑައިރެކްޓަރު ކަރަން ޖޯހަރާ އެކު ވާހަކަދައްކަމުން ޝާހު ވަނީ ފިލްމު "ކިންގް"ގައި އޭނާ އިސްތަށިގަނޑު ނުރަކޮށް، އުމުރާ އެކަށީގެންވާ ސިފައެއްގައި ފެންނަން ނިންމި ސަބަބު ހާމަކޮށްފަ އެވެ.
މީގެ ކުރިން ކުޅުނު ފިލްމެއްގެ ޝޫޓިންގެ ތެރެއިން ދިމާވި މަޖާ ހާދިސާއަކަށް އިޝާރާތްކޮށް ޝާހު ބުނީ، އެ ފިލްމުގެ ބަތަލާގެ ކުރިމަތީގައި ހުރެ ވަރަށް އަސަރުގަދަ ލޯބީގެ ޑައިލޮގުތަކެއް ކިޔުމަށް ފަހު، "އަދި އެއް ވާހަކަ، ދަރިފުޅު މާދަމާގެ ހިސާބު ހޯމްވޯކް ނިންމައިފިންތަ؟"، އަހާލަން ހިތަށް އެރި ކަމަށެވެ.
އެ ބަތަލާއިންނާއި އޭނާއާ ދެމެދު ހުރި އުމުރުގެ ބޮޑު ފަރަގު އިހުސާސްވުމާ އެކު، ދެން ކުޅެންވީ އަމިއްލަ އުމުރާ ގުޅޭ ރޯލުތައް ކަމަށް ގަބޫލުކުރެވުނު ކަމަށް ޝާހު ބުންޏެވެ.
އުމުރުން 61 އަހަރުގެ މީހަކަށް ވެވޭނެ އެންމެ "ކޫލް" ގޮތުގައި ފެނިލުމަށް ބޭނުންވި ކަމަށް ވެސް ޝާހު ބުންޏެވެ.
ޝާހު ބުނީ "ކިންގް"ގައި އޭނާގެ ދަރިފުޅު ސުހާނާ ޚާން ވެސް ހިމެނޭތީ، ދުނިޔޭގެ ހުރިހާ އަންހެން ކުދިން ވެސް އޭނާއާ މެދު ދެކޭ ގޮތް ބަދަލުވާން ބޭނުންވާ ކަމަށާއި، ކޮންމެ އަންހެން ކުއްޖަކު ވެސް "އަހަރެންގެ ބައްޕަ ވެސް ހުންނަންވާނީ މިހެންނޭ" ހިތަށް އަރާ ކަހަލަ ޝަހުސިއްޔަތެއް ދައްކުވައިދޭން ބޭނުންވި ކަމަށެވެ.
ސިއްދާތު އާނަންދު ޑައިރެކްޓްކުރާ "ކިންގް" އަކީ ސުހާނާ ބޮޑު ސްކްރީނަށް ތައާރަފުވާ ފުރަތަމަ ފިލްމެވެ.
ދީޕިކާ ޕަދުކޯން، އަބީޝެކް ބައްޗަން، އަނިލް ކަޕޫރު، ރާނީ މުކަރްޖީ، ޖެކީ ޝްރޯފް އަދި ޖައިދީޕް އަހްލާވަތު ކަހަލަ ބޮޑެތި ތަރިން ހިމެނޭ މި ފިލްމު ރިލީޒްކުރަނީ އަންނަ މަހު 24 ގަ އެވެ.