ޕާކިސްތާނުގެ ޓީވީ ޗެނަލް އޭއާރްވައި ޑިޖިޓަލް އިން ގެނެސްދޭ ޑްރާމާ ސީރީޒް "ދަރް-އެ-ނިޖާތު" އަށް ބޮޑު މަގުބޫލު ކަމެއް ލިބި، ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި 3.1 ބިލިއަނަށް ވުރެ ގިނަ ވިއުސް ހޯދައިގެން ރެކޯޑެއް ހަދައިފި އެވެ.   

މިދިޔަ އޯގަސްޓް މަހުގެ އެއްވަނަ ދުވަހު ދައްކަން ފެށި މި ޑްރާމާގެ 33 އެޕިސޯޑެއް މިހާތަނަށް ގެނެސްދީފައިވާއިރު، މިއީ ޕާކިސްތާނުގެ ޓީވީގެ ތާރީޚުގައި ވެސް މިހާތަނަށް އެންމެ ގިނަ ބަޔަކު ބެލި ޑްރާމާ އެވެ.

ޕާކިސްތާނުގެ ލިޔުންތެރިޔާ އުމޭރާ އަހުމަދުގެ ވާހަކައަކަށް ސާގިބް ޚާން ޑައިރެކްޓްކޮށްފައިވާ މި ޑްރާމާގެ މައިގަނޑު ރޯލުތަކުން ފެންނަނީ ޝެހެރިޔާރު މުނައްވަރު (އަބޫބަކުރު)، ދުރެފިޝާން ސަލީމް (ޒަރްޔާބު) އަދި ނަމީރު ނަވާޒް ޚާން (ޒާމިލް) އެވެ. މީގެ އިތުރުން، ސާނިއާ ސައީދު އާއި ސަބާ ހަމީދު ކަހަލަ ޕާކިސްތާނުގެ ތަޖުރިބާކާރު ފަންނާނުން ވެސް މި ޑްރާމާގައި މުހިންމު ރޯލުތައް ކުޅެ އެވެ. 

"ދަރް-އެ-ނިޖާތު"ގެ މަގުބޫލުކަން ވަނީ ޕާކިސްތާނުގެ ބޯޑަރު ހުރަސްކޮށް، އިންޑިއާ އާއި މެދުއިރުމަތީގެ ގައުމުތަކަށް ވެސް ފެތުރިފަ އެވެ.

އިންޑިއާގައި ޕާކިސްތާނުގެ ފިލްމުތަކާއި ޑްރާމާތައް ދެއްކުން ސަރުކާރުން މަނާކޮށްފައި އޮތް ނަމަވެސް، ނިއު ދިއްލީ، ބެންގަލޫރު އަދި ހައިދަރުއާބާދު ކަހަލަ ސިޓީތަކުގައި މި ޑްރާމާ ބެލުމަށް ހާއްސަ "ވޮޗް ޕާޓީ"ތަކާއި ސްކްރީނިންތައް އަންނަނީ ބާއްވަމުންނެވެ.

އިންޑިއާ އާއި ޕާކިސްތާނާ ދެމެދު އޮންނަ ސިޔާސީ ނުތަނަވަސްކަމުގެ ސަބަބުން، 2016 ވަނަ އަހަރުން ފެށިގެން އިންޑިއާގެ ޓީވީ ޗެނަލްތަކުން ޕާކިސްތާނުގެ އެއްވެސް ޑްރާމާއެއް ނުވަތަ ފިލްމެއް ދެއްކުން އޮންނަނީ އާންމު އުސޫލެއްގެ ދަށުން މަނާކޮށްފަ އެވެ. ނަމަވެސް، ޔޫޓިއުބް ކަހަލަ އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް އިންޑިއާގެ ގިނަ ބަޔަކު އަންނަނީ މި ޑްރާމާ ބަލަމުންނެވެ.

ސޯޝަލް މީޑިއާގައި ޑްރާމާގެ ޑައިލޮގްތަކާއި މަންޒަރުތައް ވައިރަލްވަމުން އަންނައިރު، ހާއްސަކޮށް ޝެހެރިޔާރު ކުޅޭ "އަބޫބަކުރު"ގެ ކެރެކްޓާއަށް ބެލުންތެރިންގެ ބޮޑު ލޯތްބެއް ވަނީ ލިބިފަ އެވެ.

މި ޑްރާމާގެ މަގުބޫލުކަން ބޮޑުވުމުން، ސައުދީ އަރަބިއްޔާގެ ބްރޯޑްކާސްޓަރު "އެމްބީސީ ބޮލީވުޑް" އިން ވަނީ މި ޑްރާމާގެ ރައިޓްސް ގަނެފަ އެވެ. އަރަބި ބަހުން ޑަބްކޮށްގެން އަންނަ މަހު ހަޔަކުން ފެށިގެން މެދުއިރުމަތީގެ ބެލުންތެރިންނަށް މި ޑްރާމާ ދައްކަން ފަށާނެ އެވެ.

ޑްރާމާގެ މަގުބޫލުކަން ބޮޑުވެ، އެމެރިކާގެ އެންމެ ބޮޑު އެއް ނޫސް ކަމަށްވާ ސީއެންއެންގައި ވެސް މި ޑްރާމާގެ ވާހަކަ އިއްޔެ ވަނީ ގެނެސްދީފަ އެވެ. 

ދީނީ އަގީދާތަކާއި އިޖުތިމާއީ އުސޫލުތަކުގެ އިތުރުން އިންސާނީ ގުޅުންތަކާއި ތައުބާވުމުގެ މައްޗަށް ބިނާކޮށް ގެނެސްދޭ މި ޑްރާމާއަށް ފާޑުކިޔުންތެރިންނާއި އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު، ޑްރާމާގެ ފަހު އެޕިސޯޑްތަކަށް ބެލުންތެރިން ތިބީ ކެތްމަދުވެފަ އެވެ.   

މި ޑްރާމާގެ ވާހަކައަކީ ކޮބާ؟

"ދަރް-އެ-ނިޖާތު"އަކީ އިންސާނާގެ ހަޔާތުގައި ކުރެވޭ ކުށްތަކާއި އޭގެ ސަބަބުން ދިމާވާ ހިތާމަތަކާއި އަދި ތައުބާވެ ރަނގަޅު މަގަށް ރުޖޫއަވުމުގެ މައްޗަށް ބިނާކޮށް ލިޔެފައިވާ އިޖުތިމާއީ އަދި ރޫހާނީ ކަންކަމާ ގުޅޭ ޑްރާމާއެކެވެ.

މި ޑްރާމާގެ މައިގަނޑު ވާހަކަ ބިނާވެފައި ވަނީ މުޖުތަމައުގެ ދެ ފަންތިއަކަށް ނިސްބަތްވާ ޒުވާނުންތަކެއްގެ ދިރިއުޅުމުގެ މައްޗަށެވެ.

އަބޫބަކުރަކީ ވަރަށް އަހުލާގު ރަނގަޅު، މަންމައަށް ކިޔަމަންތެރި އަދި ބޮޑެތި މީހުންނަށް ވަރަށް އިހުތިރާމްކުރާ ރަނގަޅު ޒުވާނެކެވެ. ކިތައްމެ ގޯސް ކަމެއް ކުރިމަތި ވިޔަސް، ކެތްތެރިކަމާ އެކު މަޑުމަޑުން ކަންކަމާ ކުރިމަތިލާ މީހެކެވެ. 

ޒަރްޔާބް ފެންނަނީ ވަރަށް މުއްސަނދި އާއިލާއަކަށް ނިސްބަތްވާ، އެއްވެސް އަހުލާގެއް ނެތް، ބޮޑެތި މީހުންނަށް އިހުތިރާމު ނުކުރާ އަންހެނެއްގެ ގޮތުގަ އެވެ. އަދި ޒާމިލް ކިޔާ މީހެއްގެ ލޯބީގައި ގުރުބާންވާން ހުރި ޒަރްޔާބުގެ މުޅި ދިރިއުޅުމަށް ހެޔޮ އަސަރުތައް ކުރަނީ އަބޫބަކުރާ ކައިވެނި ކުރާ ހިސާބުންނެވެ. 

ޒާމިލްއަކީ ވާހަކައިގެ ތެރެއަށް އިތުރު އޮޅުންތަކާއި ޖަޒުބާތީ ކުރިމަތިލުންތައް ގެނެސްދޭ މުހިންމު ކެރެކްޓާއެކެވެ. ހަސަދަވެރިކަން ވަރަށް ބޮޑު ކެރެކްޓާއެކެވެ. ޒަރްޔާބު އާއި ޒާމިލް އުޅެނީ ލޯބީގެ ގޮތުން ގުޅިގެންނެވެ. އެކަމަކު، ޒަރްޔާބުގެ މާމައަށް އޭނާ ކަމުނުދާތީ އާއި މާމައަށް އަބޫބަކުރު ކަމުދާތީ އޭނާ އެކަމާ ވަރަށް ބޮޑަށް ހަސަދަވެރިވެ އެވެ.  

ދީނީ އިލްމު އުނގެނެމުން އަންނަ ޒާމިލްގެ ކެރެކްޓާ މި ޑްރާމާގައި ދައްކަނީ ދީނީ ހަރުކަށި ފިކުރުގެ މީހެއްގެ ގޮތުގަ އެވެ.

ޒާމިލް ފަހުން ޒަރްޔާބު ދޫކޮށްލައި، އެހެން އަންހެނަކާ ކައިވެނިކުރެ އެވެ. އެހެންވެ، ޒަރްޔާބު ފަހުން އިންނަނީ އަބޫބަކުރުއާ އެވެ. ޒަރްޔާބުގެ މާޒީގައި ހިނގާފައި ހުރި ކަންކަން އެނގިހުރެ ވެސް އަބޫބަކުރު އޭނާއަށް ވަރަށް އިހުތިރާމްކޮށް ވަރަށް ހެޔޮކޮށް ހިތަ އެވެ. 

މި ޑްރާމާގެ މައިގަނޑު މެސެޖަކީ ކޮންމެ އިންސާނަކަށް ވެސް ކުށް ކުރެވޭނެ ކަމާއި ނަމަވެސް ތެދުވެރި ހިތަކާ އެކު ތައުބާވެ، ތިމާގެ ފަރާތުން އަނެކުންނަށް ލިބުނު ގެއްލުންތަކަށް މާފަށް އެދި އިސްލާހުވެއްޖެ ނަމަ، ކޮންމެ މީހަކަށް ވެސް ސަލާމަތުގެ ދޮރު ނުވަތަ "ދަރް-އެ-ނިޖާތު" ހުޅުވިފައިވާ ކަމެވެ.