ގިނަ ބަޔަކާއެކު އެއްޖިންސުން ގުޅުން ހިންގުމަށްފަހު އެ މަންޒަރުތައް ވީޑިއޯކުރި މައްސަލާގައި ބަންގްލަދޭޝްގެ އަލަމްގީރްގެ މައްޗަށް އިއްވި ޖަލު ހުކުމް ތަންފީޒުކޮށް ނިމުމުން އޭނާ ރާއްޖެއިން ޑީޕޯޓްކޮށްފި އެވެ.
އަލަމްގީރުގެ މައްޗަށް އިއްވި ހުކުމު ތަންފިޒުކޮށް ނިމި، އޭނާ ޑީޕޯޓްކޮށްދިނުމަށް އެެދި އިމިގްރޭޝަނާ ހަވާލުކޮށްފައިވަނީ ކަރެކްޝަންސްއިންނެވެ.
އެ މައްސަލާގައި ސުވާލުކުރުމުން އިމިގްރޭޝަނުގެ މީޑިއާ އޮފިސަރު "މިހާރު" އަށް ވިދާޅުވީ އަލަމްގީރު މިދިޔަ ބުރާސްފަތި ދުވަހު ރާއްޖެއިން ޑީޕޯޓުކޮށް، ފުރުވާލާފައިވާ ކަމަށެވެ.
އިމިގްރޭޝަން ގާނޫނުގެ ދަށުން އޭނާ ޑީޕޯޓްކުރީ ރާއްޖެ އެނބުރި ނާދެވޭ ގޮތަށެވެ.
ދިވެހި ފިރިހެނުންތަކަކާ އެކު އެއްޖިންސުން ގުޅުން ހިންގި މަންޒަރު ރެކޯޑްކުރި މައްސަލާގައި އަލަމްގީރްގެ މައްޗަށް އޮރިޔާން ކާޑު ހެދުމުގެ 40 ދައުވާ ދައުލަތުން ކުރި އެވެ. އަދި އެ ދައުވާތަކަށް އޭނާ އެއްބަސްވުމުން އޭނާގެ މައްޗަށް ހުކުމްކުރީ ސެޕްޓެމްބަރު، 2022 ގަ އެވެ.
ގާނޫނުލް އުގޫބާތުގެ ދަށުން އޮރިޔާން ކާޑު ހެދުމުގެ އަސާސީ އަދަބަކީ 27 ދުވަހަށް ޖަލަށްލުމެވެ. ކޮންމެ ދައުވާއަކަށް އެ މުއްދަތު ކަނޑައެޅުމުން އަންނަނީ ދެ އަހަރާއި 11 މަހުގެ ޖަލު ހުކުމެކެވެ. އެކަމަކު އޭނާ ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމަށްފަހު އޭނާގެ އަދަބު ދެ އަހަރާއި ނުވަ މަހުގެ ހުކުމަކަށް ކުޑަވި އެވެ.
އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި އަލަމްގީރުގެ މައްޗަށް ހުކުމް އިއްވުމުގެ ކުރިން ވެސް އޭނާ ދިޔައީ ހަތް މަހުގެ އިތުރު ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.
އޭނާއާ އެކު ގުޅުން ހިންގި މައްސަލާގައި އިތުރު އެހެން ބައެއްގެ މައްޗަށް ވެސް ޖަލު ހުކުމް އިއްވާފައިވެ އެވެ.