ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ގެސްޓްހައުސް އަދި ސަފާރީ (ލިވްއެބޯޑް) ފައިނޭންސިން ފެސިލިޓީތަކަށް ހެޔޮ ބަދަލުތަކެއް ގެންނަން ނިންމައިފި އެވެ.

ބީއެމްއެލްއިން ބުނި ގޮތުގައި މި ބަދަލުތައް ގެންނަނީ ފަތުރުވެރިކަމުގެ ދާއިރާއަށް އިންވެސްޓްކުރަން ބޭނުންވާ ދިވެހިންނަށާއި، ވިޔަފާރިތަކަށް ލުއިފަސޭހަކޮށްދިނުމުގެ މަގުސަދުގަ އެވެ. 

ގެސްޓްހައުސް ފައިނޭންސިން އަށް ގެނައި ބަދަލުތަކާ އެކު، މަޝްރޫއުގެ ޖުމްލަ އަގުން އިންވެސްޓްކުރާ ފަރާތުން އަމިއްލަ އަށް ހަރަދުކުރަން ޖެހޭ ފައިސާ (އިކުއިޓީ) ވަނީ 30 ޕަސެންޓުން 20 ޕަސެންޓަށް ދަށްކޮށްފަ އެވެ. އަދި ފައިނޭންސިން އަނބުރާ ދެއްކުމަށް ލިބޭ މުއްދަތު 15 އަހަރުން 20 އަހަރަށް ވަނީ އިތުރުކޮށްފަ އެވެ.

މީގެ އިތުރުން ދެ އަހަރުގެ ގްރޭސް ޕީރިއަޑެއްވެސް ލިބޭނެ ކަމަށް ބޭންކުން ބުންޏެވެ.

ދިވެހި ރުފިޔާއިން ފައިނޭންސް ނަގައި، ޑޮލަރުން އަނބުރާ ދައްކާ ފަރާތްތަކަށް އަހަރަކު 7 ޕަސެންޓްގެ ރޭޓެއް ހަމަޖައްސާފައިވާއިރު، ރުފިޔާ އާއި ޑޮލަރު އެއްވަރަކަށް ބަހާލައިގެން ނަގާ ފައިނޭންސްތަކަށް ކަނޑައަޅާފައިވަނީ 9 ޕަސެންޓް ކަމަށް ބީއެމްއެލްއިން ބުންޏެވެ. 

ބީއެމްއެލްއިން ބުނި ގޮތުގައި ލިވްއެބޯޑް ފައިނޭންސިން އިކުއިޓީ ވަނީ 30 ޕަސެންޓުން 25 ޕަސެންޓަށް ދަށްކޮށްފަ އެވެ. އަދި އަނބުރާ ދެއްކުމުގެ މުއްދަތު ހަތް އަހަރުން 12 އަހަރަށް އިތުރުކޮށް، ގްރޭސް ޕީރިއަޑް އެއް އަހަރުން ދެ އަހަރަށް ވަނީ އިތުރުކޮށްފަ އެވެ. މި ފެސިލިޓީގެ ދަށުން ރުފިޔާއިން ފައިނޭންސް ނަގައި ޑޮލަރުން އަނބުރާ ދައްކާ ނަމަ އަށް ޕަސެންޓްގެ ރޭޓެއް ކަނޑައަޅާފައިވާއިރު، ރުފިޔާ އާއި ޑޮލަރު އެއްވަރަކަށް ބަހާލައިގެން ނަގާނަމަ 10 ޕަސެންޓްގެ ރޭޓެއް ލިބޭނެ އެވެ.

ފައިނޭންސް ހޯދުމުގައި ކަސްޓަމަރުންނަށް އެންމެ ބޮޑަށް ދިމާވާ އެއް ދައްޗަކީ އިކުއިޓީ ދެއްކުން ކަމަށްވާތީ، އިކުއިޓީ ބަލާ މިންގަނޑަށް ވެސް ހެޔޮ ބަދަލުތަކެއް ގެނެސްފައިވާ ކަމަށް ބީއެމްއެލްއިން ބުންޏެވެ. އެގޮތުން، މަޝްރޫއަށް މިހާރުވެސް ކަސްޓަމަރު އަމިއްލައަށް ކޮށްފައިވާ އިންވެސްޓަކީ އިކުއިޓީގެ ގޮތުގައި ބަލައިގަތުމަށް ބޭންކުން ވަނީ ނިންމައިފަ އެވެ. މީގެ ތެރޭގައި ހިމެނޭނީ ބޭންކުން ގަބޫލުކުރާ މިންވަރަށް އަގުކޮށް، ވެރިފިކޭޝަން ޕްރޮސެސްއެއް ނިންމާ އިންވެސްޓްމަންޓްތަކެވެ.

"ފަތުރުވެރިކަމަކީ ރާއްޖޭގެ އިގްތިސާދުގެ މައިނާރު. އަދި އަޅުގަނޑުމެން ބޭނުންވަނީ މި ދާއިރާގައި ދިވެހިންގެ ހިއްސާ އިތުރުކުރަން،" ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވި އެވެ.

"އިކުއިޓީ ދަށްކޮށް، އަނބުރާ ދެއްކުމުގެ މުއްދަތު އިތުރުކޮށް، އަދި ކަސްޓަމަރުން މިހާރު ވެސް ކޮށްފައިވާ މަސައްކަތްތައް ބަލައިގަތުމުން، މި ދާއިރާއަށް ވަނުމަށް ހުރި ބޮޑެތި ހުރަސްތައް ނެތިގެންދާނެ. މި ބަދަލުތަކުގެ ސަބަބުން ދިވެހި ވިޔަފާރިވެރިންނަށް ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ ވިޔަފާރިތައް އުފައްދައި، ވަޒީފާގެ ފުރުސަތުތައް ފަހިކޮށް، ގައުމީ ކުރިއެރުމުގައި މި ދާއިރާގެ ދައުރު ވަރުގަދަ ކުރުމަށް އެހީތެރިވެދޭނެ."

ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ ހައިސިއްޔަތުން، ބީއެމްއެލް އިން އަންނަނީ ރާއްޖޭގެ އެންމެ ބޮޑު ސިނާއަތް ކަމަށްވާ ފަތުރުވެރިކަމަށް ހާއްސަ އިސްކަމެއް ދީގެން އިގުތިސާދަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދެމުން ކަމަށް އެ ބޭންކުން ބުންޏެވެ.

މި ހިނގާ އަހަރުގެ ތެރޭގައި ބޭންކުން ވަނީ ފަތުރުވެރިކަން ހިމެނޭހެން މުޅިން އަލަށް 15 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ލޯނު ދޫކޮށްފަ އެވެ. ރަށު ފެންވަރުގެ ގެސްޓްހައުސްތަކާއި ސަފާރީތަކުން ފެށިގެން ބޮޑެތި ރިސޯޓްތަކާ ހަމައަށް، ދިވެހިންނަށް ފަތުރުވެރިކަމުގެ ފައިދާ ހޯދައިދިނުމުގައި ދެމިއޮތުމަކީ ބީއެމްއެލްގެ އަމާޒު ކަމަށް ބުންޏެވެ.