އިޒްރޭލުގެ ބޮޑުވަޒީރުކަން ބަދަލުވާ އުސޫލުން ކުރިއަށް ގެންދިއުމަށް، އެންމެ ފުރަތަމަ އެ މަގާމާ ހަވާލުވުމުގެ ފުރުސަތު އިދިކޮޅު ލީޑަރު ގާދީ އައިޒެންކޮޓަށް ދިނުމަށް، ވަގުތީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މިއަދު ހުށަހަޅައިފި އެވެ.

ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލުމަށް ހުށަހަޅަމުން ނަތަންޔާހޫ ބުނީ، ލީޑަރެއްގެ ހައިސިއްޔަތުން އޭނާގެ ޒިންމާއަކީ ހުރިހާ ކަމެއް އެއްފަރާތްކޮށް، ދައުރުގެ ކުރީކޮޅު އައިޒެންކޮޓް ބޮޑުވަޒީރުކަން ކުރުމަށް އެއްބަސްވުން ކަމަށެވެ. އަދި އެ މުއްދަތުގައި އޭނާ ހުންނާނީ 'އަލްޓަނޭޓް' ބޮޑުވަޒީރުގެ ގޮތުގައި ކަމަށް ނަތަންޔާހޫ ބުންޏެވެ.

ނަތަންޔާހޫ މިގޮތަށް ހުށަހެޅީ، އިތުރު 14 ދުވަހުގެ މުހުލަތަކަށް ނުގޮސް، ސަރުކާރު އެކުލަވާލުމުގެ ރަސްމީ ސުންގަޑި ކަމަށްވާ އަންނަ މަހުގެ ހަ ވަނަ ދުވަހުގެ ކުރިން އާ ސަރުކާރު އިއުލާންކުރާނެ ކަމަށް އައިޒެންކޮޓް ބުނެފައި ވަނިކޮށެވެ.

އައިޒެންކޮޓް މަސައްކަތްކުރަނީ ނަތަންޔާހޫއާ ދެކޮޅު ޕާޓީތަކާ ގުޅިގެން ކޯލިޝަން ސަރުކާރެއް އެކުލަވާލުމަށެވެ. ނަމަވެސް، އޭނާގެ ޔަޝާރު ޕާޓީން ވަނީ ނަތަންޔާހޫގެ ކަނާތުފިޔައިގެ ލިކޫޑް ޕާޓީއާ އެކު ވެސް މަޝްވަރާތަކެއް ކޮށްފަ އެވެ.

ނަމަވެސް، އިއްޔެ ނެރުނު ބަޔާނެއްގައި އައިޒެންކޮޓް ވަނީ އާ އިންތިހާބަކަށް ދިއުމުގެ ބޭނުމުގައި ލިކޫޑް ޕާޓީން ކޯލިޝަން މަޝްވަރާތައް ދިގުދަންމާ ކަމަށް ތުހުމަތުކޮށްފަ އެވެ. ލިކޫޑް ޕާޓީން އެއްވެސް ދޫދިނުމަކަށް ތައްޔާރު ނޫން ކަމަށާއި، ފާއިތުވި ދެ ހަފުތާގެ ތެރޭގައި އެއްވެސް ހަރުދަނާ ހުށަހެޅުމެއް ހުށަހަޅާފައި ނުވާ ކަމަށް އޭނާ ބުންޏެވެ.

ހަރުކަށި ދީނީ ޕާޓީތަކާ އެކު ނުވަތަ އަރަބި އަޣުލަބިއްޔަތު އޮންނަ ޕާޓީތަކާ އެކު، ނުވަތަ ލިކޫޑް ޕާޓީއާ އެކު އެއްބައިވަންތަކަމުގެ ސަރުކާރެއް އުފެއްދުމާ މެދު އައިޒެންކޮޓްގެ ކޭމްޕްގެ ތެރޭގައި ވަނީ ހިޔާލު ތަފާތުވުންތައް އުފެދިފަ އެވެ.

ނަތަންޔާހޫގެ މި ހުށަހެޅުމަށް އިދިކޮޅު ފަރާތްތަކުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔައި މަލާމާތްކޮށްފަ އެވެ.

އައިޒެންކޮޓްގެ ސަރުކާރުގައި ބައިވެރިނުވި ނަމަވެސް އެ ސަރުކާރަށް ތާއީދުކުރާނެ ކަމަށް ބެލެވޭ އަރަބި އަޣުލަބިއްޔަތު އޮންނަ ޖޮއިންޓް ލިސްޓުގެ ލީޑަރު ޔޫސުފް ޖަބާރީން ވިދާޅުވީ، ޑިމޮކްރެޓިކް އަޣުލަބިއްޔަތުން ގޮތް ނިންމާފައިވާ ކަމަށާއި، "ލެއިން ތަތްތެޅިފައިވާ، އިހުމާލުވެފައިވާ މި ސަރުކާރު" ދާންޖެހޭ ކަމަށެވެ. އަދި ޔަހޫދީންނާއި އަރަބިންގެ އުންމީދުތައް ހާސިލްކޮށް، އަންނަ ހަފުތާގެ ތެރޭގައި ނަތަންޔާހޫ މަގާމުން ދުރުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރީގެ ބޮޑުވަޒީރު އަދި ބެޔާޗަޑް ޕާޓީގެ ކޯ-ޗެއާ ޔައިރު ލަޕިޑް ބުނީ، ނަތަންޔާހޫގެ އެ ހުށަހެޅުމަކީ ކޮންމެ ބައިވެރިއަކަށް އޮޅުވާލައި، ކޮންމެ އެއްބަސްވުމަކާ ހިލާފުވާ މީހެއްގެ ފަރާތުން ފެންނަ އިތުރު މަކަރުވެރި ރޭވުމެއް ކަމަށެވެ.

އައިޒެންކޮޓްގެ ޔަޝާރު ޕާޓީން މިހާތަނަށް ކޯލިޝަން އެއްބަސްވުން ހަދާފައި ވަނީ ވާތުފިޔައިގެ ޑިމޮކްރެޓްސް ޕާޓީއާ އަދި ކަނާތުފިޔައިގެ އިޒްރޭލް ބެއިޓެއިނޫ ޕާޓީއާ އެކު އެވެ. މި ތިން ޕާޓީ އެއްކޮށްލުމުން ލިބެނީ 36 ގޮނޑި އެވެ. އެއީ 120 މެންބަރުންގެ މައްޗަށް އެކުލެވޭ އިޒްރޭލުގެ ގާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ހޯދުމަށް ބޭނުންވާ 61 ގޮނޑިއަށް ވުރެ މާ މަދު އަދަދެކެވެ.

އިޒްރޭލުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އަރަބި-އިޒްރޭލީ ދެވަނަ ޕާޓީ ކަމަށްވާ ރާމްގެ ލީޑަރު މަންސޫރު އައްބާސް މިއަދު ހަމާސްއަކީ "ޓެރަރިސްޓް ޖަމާއަތެއް" ކަމަށް ގަބޫލުކުރައްވާނެ ކަމަށް ބެލެވެ އެވެ. މިއީ އައިޒެންކޮޓް އިސްވެ އުފައްދާ ކޯލިޝަނެއްގައި އެ ޕާޓީ ބައިވެރިވުމަށް މަގުފަހިވާނެ ކަމެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ. ނަމަވެސް، ފަހުގެ އިންތިހާބުގައި ބޮޑު ކާމިޔާބީއެއް ހޯދި އަރަބި ޕާޓީތަކުގެ ތާއީދަށް ބަރޯސާވުމާ މެދު އައިޒެންކޮޓްގެ ބައެއް ބައިވެރިން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. -- އޭއެފްޕީ